web 2.0

5.26.2010

ފަތިސްނަމާދަށް ހޭނުލެވުމުން ހަދާނީ ކިހިނެތް؟

ފަތިސްނަމާދަށް ހޭނުލެވި ނިދީގައި އޮވެފައި، އިރުއަރަނިކޮށް ހޭލެވުނުކަމުގައި ވިޔަސް އަވަހަށް ސާފުޠާހިރުވެ، ވުޟޫކޮށްލައިގެން ފަތިސް ނަމާދު ކުރާނީއެވެ.އިތުރަށް ލަސްކޮށްގެން ނުވާނެއެވެ. ސަބަބަކީ މެންދުރުވަންދެން ދުނިޔޭގައި ހުންނާނެ ކަމުގެ ޔަޤީން ކަމެއްނެތީމައެވެ. އެހެން ކަމުން އަވަހަށް ނަމާދު ކުރަން ޖެހޭނެއެވެ.

ހަމައެހެންމެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި ޙަދީޘަށް ޢަމަލުކުރުމުގެ ގޮތުންނެވެ.

އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((مَنْ نَسِيَ صَلاَةً فَلْيُصَلِّهَا إِذَا ذَكَرَهَا لاَ كَفَّارَةَ لَهَا إِلاَّ ذَلِكَ)) متفق عليه،
 މާނައަކީ؛ " ނިދުމުގެ ސަބަބުން ނޫނީ ހަނދާން ނެތުމުގެ ސަބަބުން ނަމާދެއް ދޫވެއްޖެ މީހާގެ ހަނދާންވި އިރަކުން (ނޫނީ ހޭލެވުނު އިރަކުން) ފައިތުވި ނަމާދު ކުރުން ފިޔަވައި އެހެން ކައްފާރާއެއް އެކަމަށްޓަކައި އެމީހަކަށް ނުވެއެވެ. "
އެހެން ނަމަވެސް އޭނާގެ ކިބައިން އެދެވިގެންވަނީ ނަމާދު ވަގުތުގައި ނަމާދަށް ހޭލުމަށް ހިފަންޖެހޭ ހުރިހާ ސަބަބު ތަކެއްގައި ހިފެހެއްޓުމެވެ. އެއީ ނިދީގެ ކުރިން ވުޟޫ ކުރުމާއި ނިދުމުގެ ކުރީގެ ޛިކުރުތައް ކުރުމާއި، އަދި އެލާމް ގަޑިއެއް ފަދަ އެއްޗެއްގެ ބޭނުން ހިފުމެވެ.

ނަމާދަކީ ދީނުގެ ތަނބެވެ. އަޅާއާއި ކާފިރުކަމާއި ދެމެދުގައިވާ އިންފާރަކީ ނަމާދެވެ. އެހެން ކަމުން ހުރިހާނަމާދު ތަކެއްވެސް އެނަމާދަކަށް ކަނޑައެޅިފައި ވާވަގުތުގައި އަދާކުރަން ޖެހޭނެއެވެ.

އަވަހަށް ހޭލެވޭނީ އަވަހަށް ނިދައިގެންނެވެ. ސޯނާ ގަޑިއަކީ އަހަރެމެން ހޭލުމަށް އޭގެ ބޭނުންހިފައި އެންމެ އާންމު ވަސީލަތެވެ. ސޯނާގަޑިން ސޯނާވުމުން ހޭލައިފައިވެސް ސޯނާ ނިވާލެވައި އަލުން ނިދަން އޮށޯވެވޭނީ ޝައިޠާނާގެ ވަސްވާސް ތަކުގެ ސަބަބުންނެވެ. މިހެންކަމުން ސޯނާގަޑި ތަންކޮޅެއް ދުރުގައި ތެދުވެގެންގޮސް ނިއްވަންޖެހޭހައި ހިސާބެއްގައި ބެހެއްޓުން ރަނގަޅެވެ. އަދި ފަތިހު ހޭލަން އާދަކޮށްފިނަމަ މިކަމަކީ ނުލާހިކު ފަސޭހަކަމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެއެވެ.


ކީރިތި ރަސޫލާގެ ބައެއް ބަސްފުޅުތަކުގައި އިރުއަރާ ވަގުތާއި އޮއްސޭ ވަގުތުގައި ނަމާދުކުރުން ނަހީކުރަށްވާފައި ވެއެވެ. ނަމަވެސް ނަހީކުރެވިގެންވަނީ ސުންނަތް ނަމާދެވެ. ފަރުޟެއް ނޫނެވެ. والله أعلم

ބޭނުންހިފައިވާ ލިޔުން: އެމްވީ އިސްލާމް ކިޔުއޭ
Share/Bookmark

2 comments:

  1. މޯބައިލްފޯނުގެ ސޯނާ ގެ އެހީގެ ބޭނުންވެސް ހިފިދާނެއެވެ. ބޮލަށް އުނދަގޫ ރާގެއްލުމުން ހޭލަން ފަސޭހަވެއެވެ.

    ReplyDelete
  2. ޙަދީޘްގެ މާނައިގައި ނިދުމުގެ ވާހަކަ އޮތްއިރު، ލިޔެފައިތިވާ ޢަރަބި މަތުނުގައި އޮތި ހަމައެކަނި ހަނދާންނެތުމުގެ ވާހަކަ. ލިޔެފައި ތިވާ މާނަ އަންނާނީ، މުސްލިމް ގައި އިތުރަށްވާ (او نام عنها) މިބައި އިތުރުކުރުމުން.

    ގުޅުންހުރި ލިޔުމެއް:
    http://fathuwa.blogspot.com/2010/03/blog-post_23.html

    ReplyDelete

މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

previous Next home