ޤިޞާޞްހިފުމަކީ މިއަދު ރާއްޖޭގައި ތަންފީޒުކުރަންޖެހިފައިވާ އެންމެ މުޙިއްމު ޙުކުމެވެ.
ޤިޞާޞްހިފުމަކީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ޘާބިތުވެގެންވާ ޝަރުއީ ޙުކުމެކެވެ. އަދި މިކަމަކީ ބުއްދީގެ ހަމަތަކުންނާއި އުންމަތުގެ ދަންނަބޭކަލުންގެ އިޖުމާޢުންވެސް ޘާބިތުވެގެންވާ ޤާނޫނީ އުޤޫބާތެކެވެ.
ޤިޞާޞް ހިފުން ޝަރުޢުކުރެއްވުމުގެ ޙިކްމަތް:
- އިންސާނީ ކަރާމާތާއި އިންސާނީ ޙައްޤު ރައްކާތެރިކުރުން
- މުޖުތަމަޢުއަށް އަމަންއަމާންކަން ގެނެސްދިނުން
- ފުރާނާގެ މިނިވަންކަން ހޯދައިދިނުން
- ޤަތުލުވިމީހާއަކީ ޤަތުލުކުރުން މަނާކުރެވިފައިވާ މައުސޫމެއްކަމުގައިވުން
- ޤާތިލަކީ ބުއްދިސަލާމަތުން ހުރި ބާލިޣުވެފައިވާ މުކައްލަފަކަށްވުން
- ޤާތިލަކީ އޭނާ ބޭނުންކަމެއްކުރުމުގެ އިޚްތިޔާރުލިބިގެންވާ މިނިވަނެއްކަމުގައިވުން
- ޤަތުލުވިމާހާއަކީ އާއިލީގޮތުން ޤާތިލުގެ އަސްލެއްކަމުގައިނުވުން
- ޤާތިލާއި މަޤްތޫލުގެ ދެމެދުގައި ކުށް ހިނގިއިރު ކުފޫހަމަވުން
- މަޤްތޫލުގެ އާއިލާގެ އެންމެން ޤިޞާޞް ހިފުމަށް އެދުން
- ޤިޞާޞްހިފުމުން އޭގެ އަސަރު އެހެން ފަރާތަކަށް ނުފޯރުން
- މަޤުތޫލުގެ އަހުލުވެރިން ނުވަތަ އެމީހުންގެ ތެރެއިން ބަޔަކު ޤިޞާޞްހިފުން މަޢާފެކުރުން
- ޤާތިލު މަރުވުން
- އަނިޔާލިބުނުމީހާ އަނިޔާދިން މީހާއަށް މަޢާފްކުރުން
- ކުށްވެރިޔާގެ ލެޔާއި އަނިޔާލިބުނުމީހާގެލޭ އިސްލާމްދީނުގައި ހަމަހަމަ ވެގެން ނުވުން (ކުފޫ ހަމަނުވުން)
- ޤަތުލުކުރިމީހާ އަމިއްލައަށް އިޤްރާރުވުން
- ޢަދުލުވެރި ދެހެކިންގެ ހެކިދިނުން
ޤަތުލުގެ ބާވަތްތައް:
1. ޤަތުލް ޢަމްދު
ޤަތުލު ޢަމްދަކީ ތަޞައްރަފު ފުދިފައިވާ މުކައްލަފަކު އިންސާނަކު މީހަކު މެރުމަށް ބޭނުންކުރެވޭފަދަ އެއްޗަކުން މެރުން ޙައްޤުނޫން އިންސާނަކު ޤަސްދުގައި ޤަތުލުކުރުމެވެ. ޤަޞްދުގައި ޤަތުލުކުރުން ކަމުގައިވަނީ 3 ޝަރުތެއް ފުރިހަމަވުމުންނެވެ.
1. ޤަތުލުކުރިމީހާއަކީ ބުއްދި ސަލާމަތުން ހުރިމީހެއްކަމުގައިވުން
2. ޤަތުލުކުރުމަށް ބޭނުންކުރި ހަތިޔާރަކީ ޢާންމުގޮތެއްގައި މީހަކު މެރުމަށް ބޭނުންކުރާފަދަ އެއްޗަކަށްވުން
3. ޤަތުލުކުރުމުގެ ޤަސްދުގައިކުރުން
ޤަތުލު ޢަމްދުގެ ދެ ޙުކުމެއް ވެޔެވެ. އެއީ އުޚުރަވީ ޙަޔާތުގައި ލިބޭނެ އުޤޫބާތާއި ދިނިޔޭގެ ޝަރުޢީ ކޯޓުން ދެއްވާ ޝަރުޢީ އަދަބެވެ .
ޤަތުލު ޢަމްދަށް ކަނޑައެޅިފައިވާ އަސްލު އަދަބަކީ ޤިޞާޞް ހިފުމެވެ. އެހެންނަމަވެސް ޤިޞާޞްހިފުމަކީ މަޤްޠޫލުގެ (މަރުވިމީހާގެ) ވާރުތަވެރިންގެ ޙައްޤަކަށް ވުމާއެކު ޤިޞާޞް ހިފޭނީ އެމީހުން އެކަމަށް އެދޭކަމުގައިވާނަމައެވެ. އަދި ވާރުތަވެރިން ޤިޞާޞްހިފުމަށް އެދޭކަމުގައިވާނަމަ އެކަމަށް އެހީތެރިވުމަކީ ޝަރުޢީ ކޯޓުގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ. ޤިޞާޞް މަޢާފްކުރުމަކީ މަރުގެ ދިޔަ ޤަބޫލުކުރުމެވެ.
ޤަތުލު ޢަމްދަށް ކަނޑައެޅިފައިވާ އަޞްލު އަދަބުގެ ދެވަނަ އުޤޫބާތަކީ ކައްފާރާ ދިނުމެވެ. އެއީ މުއުމިނު އަޅަކު މިނިވަން ކުރުމެވެ. މިކަމަށް ކުޅަދާނަވެގެންނުވާނަމަ ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުމެވެ. ކައްފާރާ އަދާކުރުން ލާޒިމްވަނީ ޤިޞާޞްހިފުން މަޠުލޫގުގެ ވާރުތަވެރިން މޢާފްކޮށް، މަރުގެ ދިޔަ ދިނުމަށް ރުހިއްޖެނަމައެވެ.
2. ޤަތުލް ޝިބުޙު ޢަމްދު
މިއީ ޤަޞްދުގައި ޤަތުލުކުރުމާއި ވައްތަރުގެ ޤަތުލެވެ. ޝިބުހު ޢަމްދަކީ ޤަތުލުކުރުން ޙައްޤުނޫންމީހެއްގެ މައްޗަށް އަނިޔާވެރިވުމުގެ ޤަޞްދުގައި އެއެއްޗަކުން އާންމުގޮތެއްގައި މީހަކު މަރާނުލެވޭފަދަ އެއްޗަކުން ހަޖާ މަރާލުމެވެ. މިސާލަކަށް އަސާގަނޑަކުން ނުވަތަ އެއްތެޔޮ ގަނޑަކުން ހަޖާ މަރާލުމެވެ. މިވައްތަރުގެ ޤަތުލުގައި ފުރިހަމަވާންޖެހޭ ދެ ޝަރުތެއް އޮވެއެވެ. އެއީ : ޤަތުލުކުރި އެއްޗަކީ އާންމުގޮތެއްގައި ފުރާނައަށް ގެއްލުންދޭފަދަ އެއްޗަކަށް ނުވުމާއި ޙައްޤަކާއި ނުލާ ޢުދުވާނީ ގޮތުން އަނިޔާވެރިވުމުގެ ގަސްތުގައި މަރާލުން. މިއެވެ.
ޤަތުލު ޝިބުހު ޢަމްދުގެވެސް އުޚުރަވީ އުޤޫބާތާއި ދުންޔަވީ އުޤޫބާތް ވެއެވެ. ޝިބުހު ޢަމްދުގެ ސަބަބުން ދެކަމެއް ލާޒިމްވެގެންވެއެވެ. އެއީ: ޤާތިލް ފާފަވެރިވުމާއި އަދި ބުރަދިޔަދިނުން ވާޖިބުވުން (ޝިބުހު ޢަމްދުގެ ސަބަބުން ޤާތިލުގެ ކިބައިން ޤިޞާޞެއް ނުހިފޭނެއެވެ. )
3. ޤަތުލް ޚަޠާ
ޤަތުލު ޚަޠާއަކީ ކުށް ޤަތުލެވެ. ކުށްކުރުމުގެ ނުވަތަ އަނިޔާވެރިވުމުގެ އެއްވެސް ޤަޞްދެއްނެތި ކުރިކަމަކުން މީހަކުމަރުވެގެން ދިޔުމަކީ ޤަޠުލް ޚަތާ ނުވަތަ ކުށްޤަތުލެވެ.
މިސާލަކަށް: ޝިކާރައަށް އެއްލިއެއްޗަކުން މީހެއްގެ ގައިގައި ޖެހި އެމީހާ މަރުވުން ނުވަތަ އުސްތަނަކުން ވެއްޓުމުގެ ތެރޭގައި އެހެންމީހެއްގެ ގައިގައި ޖެހި އެމީހާ މަރުވުންކަހަލަ ކަންކަމެވެ.
ޝަރުއީގޮތުން ބަލާއިރު މިބާވަތުގެ ކުށަކީ މަޢާފްކުރެވިގެންވާ ކުށެވެ. މިބާވަތުގެ ކުށުގެ ސަބަބުން ފާފަވެރިއެއްނުވާނެއެވެ. (އެއީ އެކުށަކީ އެކަމަށް ޤަސްދުކުރުމެއްނެތި ވެގެންދިޔަ ކުށަކަށްވާތީއެވެ. )
ހަނދާންނެތިގެން ކުރެވޭ ކަންތަކާއި، ޤަސްދަކާނުލާ ކުރެވޭ ކުށްތަކާއި އަދި މަޖުބޫރުން މިއުންމަތުގެ މީހުން ލައްވާ ގަދަކަމުން ކުރުވާ ކަންތައް މާތްﷲ ވަނީ މަޢާފްކުރައްވާފައެވެ.
މިބާވަތުގެ ޤަތުލުގެ ޝަރުއީ އުޤޫބާތަކީ މަރުގެ ދިޔަދިނުމެވެ. އެއީ ލުއި ދިޔައެވެ. ކުށްކުރެވުނު ފަރާތުގެ މައްޗަށް އޮތީ ކައްފާރާ ދިނުމެވެ.
ޤުރުއާނާއި ސުންނަތުގެ ބައެއް ދަލީލުތައް:
((وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِف فِّي الْقَتْلِ ۖ إِنَّهُ كَانَ مَنصُورًا)) "އަދި ތިޔަބައިމީހުން، اللَّه حرمة ތެރިކުރައްވާފައިވާ نفس އެއް حق އަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ولى ވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، قتل ކުރުމުގައި އޭނާ إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ولى ވެރިޔާއަކީ، نصر ލިބިގެންވާ މީހެއް ކަމުގައިވިއެވެ."
މާތް ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((لا يحل دم امرئ مسلم يشهد أن لا إله إلا الله وأن محمدا رسول الله إلا بإحدى ثلاث النفس بالنفس والزاني المحصن والتارك لدينه المفارق للجماعة )) މާނައަކީ؛ " ﷲ ގެ ކަށަކުޅަދުން ވަންތަކަން ގަބޫލުކުރާ އަދި މުޙައްމަދުގެފާނަކީ ﷲގެ ޙައްޤު ރަސޫލާކަމަށް ގަބޫލުކުރާ މީހާ ތިން ސަބަބަކާހުރެ މެނުވީ މެރުން ހުއްދަ ވެގެން ނުވެއެވެ. އެއީ މީހަކުމަރާލި މިހާ (ގަސްތުގައި، ޢަދާވާތްތެރިކަމާއެކީ މީހަކު މަރާލި މީހާ) އާއި ޝަރުޢީ ކާވެންޏެއް ކޮށްފައިވާ މީހުންގެ ތެރެއިން ޒިނޭކުރި މީހާ (ރަޖަމް ކުރެވޭމީހާ) އާއި މުސްލިމުންގެ ޖަމާޢަތާ ވަކިވެ މުރުތައްދުވާ މީހުންނެވެ."
ﷲތަޢާލާ ވަޙީ ކުރެއްވިއެވެ. ((وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الألْبَابِ لَعَلَّكُمْ تَتَّقُونَ)) (البقرة ١٧٩) މާނައީ" އޭ ބުއްދިވެރީންނޭވެ! ޤިޞާޞް ޝަރުޢު ކުރެއްވުމުގައި، ތިޔަބައިމީހުނަށް ރައްކާތެރިކަމަކާއި ދިރުމެއްވެއެވެ. އެއީ ތިޔަބައިމީހުން ޤަތުލުކުރުމުންނާއި ޤަތުލުވުމުން ރައްކާތެރިވުމަށްޓަކައެވެ."
ﷲ ވަޙީ ކުރެއވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ (("އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ."
ޝުކުރިއްޔާ!
ރިފަރެންސް:
- ގުރޭޑު 11 އިސްލާމްފޮތް
- http://noorul-islam.net/
0 ޚިޔާލު:
މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.