web 2.0

11.03.2011

ނަސްރުގެދުވަހުގެ ތަހުނިޔާ

1988  ނޮވެމްބަރ 3 ގައި ރާއްޖެއަށް ކުރިމަތިވި ބަޣާވާތަކީ ދިވެހީންގެ މަދުބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތަކާ އެކުވެގެން ހިންގި ނުރައްކާތެރި ބަޣާވާތެކެވެ. އެދުވަހުގެ ޙަމަލާއަކީ ދިވެހި ތާރީޚުގައި އަދި މިހާތަނަށް ފާހަގަ ކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޙަމަލާއެވެ. އެދުވަހު 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ ޢަދާވަތްތެރި ދުޝްމަނުންނެވެ. މީގެ ތެރޭގައި ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ 80 މީހުން ހިމެނުނެވެ. އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމަޗަށް ގެންދިއުމަށްޓަކައެވެ.
އެދުވަހުގެ ޙަމަލާގައި 19 ދިވެހި ދަރީން ޝަހީދުވިއެވެ. އެއީ ޢާންމު ރައްޔިތުންގެ 11 މީހުންނާއި ސިފައިންގެ 8 މީހުންނެވެ.

ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާއާއި ގުޅިގެން ދުނިޔޭގެ އެތައް ޤައުމުތަކެއް އޮތީ ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށެވެ. ދިވެހި ސަރުކާރުން އެހީއަށް އެދުނު ގައުމުތަކުގެ ތެރެއިން އެއްމެ އަވަށް ރާއްޖެއަށް އެހީ ފޯރުކޮށްދެވުނީ އިންޑިއާށެވެ. ކުލީސިފައިންގެ ހަމަލާ މާލެއަށް ދޭންފެށިތާ ގާތްގަޑަކަށް 17 ވަރަކަށް ގަޑިއިރުގެ ތެރޭގައި އިންޑިޔާ ސިފައިންގެ 1600 މީހުން ހިމެނޭ ފައުޖެއް ރާއްޖެ އައިސް ޙަރަކާތްތެރިވާން ފެށިއެވެ.

އިންޑިޔާ ސިފައިންނަށް ރާއްޖެ އާދެވުނުއިރު، ހަނގުރާމަ ވަނީ މައިތިރިވެފައެވެ. އެހެންކަމުން އެބައިމީހުންނަށް ހަނގުރާމަ ކުރާކަށެއް ނުޖެހެއެވެ. ބާޣީންގެ ތެރެއިން މަރުނުވެ ތިބިމީހުން މާލޭގެ ބަނދަރުގައި އޭރު އޮތް މުދާ އުފުލާ ބޯޓެއްކަމުގައިވާ “ޕްރޮގްރެސްލައިޓް” ގައި ފުރައިގެންދަނިކޮށް އެމީހުން އަތުލައިގަތީ އިންޑިޔާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރުންނެވެ. ބާޣީން “ޕްރޮގްރެސްލައިޓް” ފުރައިގެން ދިޔައިރު އެތަކެއް ދިވެހީން ރަހީނުންގެ ގޮތުގައި ގޮވައިގެން ދިޔައެވެ. މީގެ ތެރޭގައި އޭރު ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އިންޑިޔާ ކަނޑުގެ ސިފައިންގެ ދެ މަނަވަރުން ބާޣީންގެ މީހުން އަތުލައިގަންއިރު ރަހީނުންގެ ގޮތުގައި ގެންދިޔަ ބައެއް ދިވެހީން ވަނީ ޝަހީދުކޮށްފައެވެ.

ގާތްގަޑަކަށް 18 ގަޑިއިރުވަންދެން ދިވެހި ސިފައިން ބާޣީންނާއި ހަނގުރާމަ ކުރަމުން ގެންދިޔައީ މިޒަމާނުގެ ހަތިޔާރު ބޭނުންކޮށްގެންނެވެ. ދުސްމިނުންގެ ބަޑީގެ ވަޒަންތަކުން ދިވެހި ސިފައިންގެ އެތައް ބަޔަކު ޝަހީދުވެފައިވެއެވެ. ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ.

ނަޞްރުގެ ދުވަހުގެ ތަހުނިޔާ މި ސައިޓުގެ ކިޔުންތެރިންނަށާއި ހުރިހާ ދިވެހިންނަށް އަރިސްކުރަމެވެ.

ނަޞްރުގެ ދުވަހާއިގުޅޭ ޚާއްސް މަޒުމޫނެއް ފަންވަތް ޑޮޓް އިންފޯގެ މި ޞަފުޙާގައި ވެއެވެ.


Share/Bookmark

0 ޚިޔާލު:

މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

previous Next home