web 2.0

10.30.2010

ޤިޔާމަތުގެ ކުދި ޢަލާމާތްތައް

ޤިޔާމަތްވާނެ ވަގުތުއެނގިވޮޑިގެން ވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އަދި އެކަލާނގެވަނީޤިޔާމަތްދުވަސް އައުމުގެ ކުރިން ފާޅުވާނެ ޢަލާމާތްތަކެއް ޤުރުއާނާއި ސުންނަތުގައި ބަޔާންކޮށްދެއްވާފައެވެ.

ޤުރުއާނުގެ މުޙައްމަދު ސޫރަތުގެ 18 ވަނައާޔަތުގައި ﷲ ވަޙީކުރައްވައިފައިވެއެވެ:



فَهَلْ يَنظُرُونَ إِلَّا السَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ فَقَدْ جَاءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَاءَتْهُمْ ذِكْرَاهُمْ ﴿١٨﴾

ފަހެ، އެއުރެންނަށް ނޭނގިތިއްބައި، ކުއްލިޔަކަށް قيامة ވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، އެކަމުގެ علامات ތައް އަތުވެއްޖެއެވެ. ފަހެ، އެކަން އެއުރެންނާ ހަމަޔަށް އަތުވެއްޖެހިނދު، އެއުރެންގެ ހަނދުމަކުޅައުންވަނީ ކިހިނަކުންހެއްޔެވެ؟ (١٨)


ޤިޔާމަތުގެ ޢަލާމާތްތައް 3 ބަޔަކަށް ބަހައިލެވިދާނެއެވެ.
1. ފާޅުވެނިމިފައިވާ ޢަލާމާތްތައް
2. ފާޅުވަމުންދާޢަލާމާތްތައް (މިޒަމާނުގެ ޢަލާމާތްތައް)
3. ކުރިމަގުގައި ފާޅުވާނެ ޢަލާމާތްތައް

މި ލިޔުމުގައި ކުދިއަލާމާތްތަކުގެ ޚުލާސާއަކަށް ބަލައިލާނަމެވެ. މިހުރިހާ ޢަލާމާތަކީވެސް ޤުރުއާނުގައި ނުވަތަ ސުންނަތުގައި ބަޔާންވެގެންވާ ޢަލާމާތްތަކެވެ. ޢަލާމާތްތަކުގެ އިތުރު ތަފްޞީލް ފޮތްފޮތުންނާއި ތަޤްރީރުތަކުންނާއި ސީޑީތަކުންފަދަ އެއްޗެހިން ލިބޭނެއެވެ. ޢަލާމާތެއްގައި ކުށެއްވާނަމަ ނުވަތަ އިތުރުކޮށްލަންފެންނަ ޢަލާމާތެއް ނުވަތަ ޢަލާމާތްތައް ބެހުމުގައި ކުށެއްވާނަމަ އެކަމުގެ އިޝާރާތެއް ކޮމެންޓްފޯމް ގެ ޒަރީއާއިން ކޮށްދެއްވުން އެދެމެވެ.

1. ފާޅުވެނިމިފައިވާ ޢަލާމާތްތައް

- މުޙައްމަދުގެފާނު ރަސޫލުކަމައިގެން ފޮނުއްވުން
- ހަނދު ދެފަޅިކުރެއްވުން
- މުޙައްމަދުގެފާނު ސުވަރުގެ ވަޑައިގަތުން ( މާތް ﷲ އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލައްވާށި )
- ފިތުނަތައް
ހ. އުޘްމާންގެ ފާނު ޝަހީދުކޮށްލުން
ށ. ޖަމަލު ހަނގުރާމަ
ނ. ޞިއްފީން ހަނގުރާމަ
ރ. ޚަވާރިޖުން ފާލުވުން
ބ. ޤުރުއާން އެއީ މަޚްލޫގެއްކަމަށް ބުނާ ފިތުނަ
ޅ. ޚައްރަތު ހަނގުރާމަ
- މަދީނާގައި ހިނގި ބޮޑު ތަޅާފޮޅުން (އަލްޙައްރަ ، ޔާޒިދުގެ ޚަލީފާވެރިކަމުގެ ދަށުގައި )
- އިސްތަންބޯލް ފަތަޙަވުން
- ބައިތުލް މަޤްދިޞް ފަތަޙަވުން
- މުސްލިމުންނާއި ރަތް ، ލޯކުޑަ ، އިސްތަށިން ހަދާފައިވާ ފައިވާނަށް އަރާ މީހުންގެ ހަނގުރާމަ
- މުސްލިމުންނާއި މުސްލިމް ނޫން ދޮންމީހުންގެ ސުލްހައިގެ އެއްބަސްވުން ( ޗައިނާ ، މޮންގޯލްސް ... )
- ރަސޫލެއްކަމަށް ހީކުރާ 30 (ދައްޖާލު) ފާޅުވުން
- މުސްލިމުންގެ ބޮޑު ދެ ލަޝްކަރުގެ ހަނގުރާމަ
- އެތައްހާސް މުސްލިމުންނެއް މަރުވެގެންދިއުން ( އުމަރު ބުނުލް ޚައްޠާބުގެ ޚިލާފަތުގައި ... )
- ހިޖާޒްކަރައިން އަލިފާންގަނޑެއް ފާޅުވުން (ބުސްރާގެ އަހުލުވެރިންނަށް ފެންނާނެ)
- ހިނގާ މަގުތަކެއްކަމުގައި މިސްކިތްތަކަށް ހަދައިގެން އުޅުން

2. ފާޅުވަމުންދާޢަލާމާތްތައް (މިޒަމާނުގެ ޢަލާމާތްތައް)

- ބިނާތައް އުސްވުން
- އަޅުއަންހެނާ އޭނާގެ ސާހިބު މީހާއަށް ވިހެއުން
-ޢަރަބިންގެ ގެތަކުގެ އަހުލުވެރިންނަށް ފިތުނައެއް އައުން
- ޢިލްމު ހިއްޕެވުމާއި ޖަހްލު ފާޅުވުން
- ބަނގުރާބުއިން ގިނަވުމާއި އެކަންތައް ހުއްދަކުރުން
- ޒިނޭފެތުރިގެން ދިއުން
- ބިންހެލުންތައް ގިނަވުން
- ޒަމާންތައް ގާތްވުން ( ޒަމާނުގެ ވަގުތުތައް ކަމުގައިވާ އަހަރުތަކާއި ، މަސްތައް ، ހަފްތާތަކާއި ދުވަސްތަކާއި ގަޑިތައް ކުރުވުން )
- ފިތުނަތައް ގިނަވުން
- މީހުން މެރުން ގިނަވުން
- އަމާނާތްތެރިކަން ގެއްލުން
- މިޔުޒިކުގެ ސާމާނު ފާޅުވުމާއި އެތަކެތި ޙަލާލުކޮށްގަތުން
- ރިބާ ފެތުރިގެން ދިއުން
- ބާޒާރުތައް ގާތްގާތުގައި ހުރުން
- މުސްކުޅިން ބޯތައް ކަޅުކުރުން
- ވިޔަފާރި ގިނަވުން
- ދަށުދަރަޖައިގެ (ޖާހިލު) މީހުންތައް މައްޗަށް ދިއުން
- ހަމައެކަނި ދަންނަމީހުންނަށް ސަލާމްގޮވައި އުޅުން
- ފޭރާންލައިގެންލައިގެން ތިބޭއިރު ، ނިވައިކުރުން ވާޖިބުވާ އަޢުރަ ހާމަވެގެންވާ އަންހެނުންތައް ފާޅުވުން
- ލިޔެކިޔުންތައް ގިނަވުމާއި އެކަންތައް ފެތުރިގެން ދިއުން
- ދޮގުހެދުން ގިނަވުމާއި ޚަބަރުތައް ނަޤުލުކުރުމުގައި ޘާބުތުކަމެއް ނެތުން
- ނަބީކަމަށް ދަޢުވާކުރާ މީހުން ފާޅުވުން

3. ކުރިމަގުގައި ފާޅުވާނެ ޢަލާމާތްތައް

- މަރުވުމަށް އެދުން ( ޤަބުރެއްގެ ކައިރިން ދާ މީހާ ޤަބުރުގައި ވަޅުލެވިފައި ވަނީ ތިމަންނަ ނަމައޭ ހިތަށް އެރުން)
- (އަންހެނުން ގިނަވުމާއި ފިރިހެނުން މަދުވުން ( ކޮންމެ ފިރިހެނަކަށް 50 އަންހެނުން ރޭޝިއޯ
- ފުރާތުކޯރުން ރަނުގެ ފަރުބަދައެއް ފާޅުވެގެން ދިއުން
- ރޫމީން ގިނަވުމާއި އެމީހުން މުސްލިމުންނާ ހަނގުރާމަކުރުން
- މުސްލިމުންގެ މެދުގައި ބޮޑު ހަނގުރާމައެއް ފެށުން
- އަމާންކަން ފެތުރިގެން ދިއުން
- މުދާގިނަވެ ޞަދަޤާތުގައި ހިފާނެމީހަކު ނެތުން
- ޢަރަބީންގެ ބިމަށް (ވިނަޔާއި ގަސްގަހާގެހީގެ) ފެހިކަމާއި ކޯރުތައް އެނބުރި އައުން
- ޒިނޭފަދަ ފާޙިޝް ޢަމަލުތައް ފާޅުވުމާއި ތިމާގެ ކަމުގެ ގުޅުން ކެނޑުމާއި އަވަށްޓެރިންނަށް ނުބައިކޮށް މުޢާމަލާތްކުރުމުގެ ޢަމަލުތައް ފާޅުވުން
- ގެފުޅު ތަޅާލުން އަދި ޢަރަބީން ނިމިގެން ދިއުން
- މުއުމިނުންގެ ފުރާނަތައް ހިއްޕެވުމަށްޓަކައި (މަޑު) ނަލަ ވައިރޯޅިއެއް ފޮނުއްވުން
- لا إله إلا الله އޭކިޔާ ގޮވާލާނެ މީހަކުނެތުން
- މަގުމަތީގައި ޒިނޭކުރުން ފެތުރިގެން ދިއުން
- ވަލުޖަނަވާރާއި ހަރުތަކެތި ވާހަކަދެއްކުން
- ވާރޭގިނަވެ ގަސްގަހާގެހި މަދުވުން
- ކުއްލިމަރު ގިނަވުން
- ދޮގު ހެކިދިނުން ގިނަވުމާއި ޙައްޤަށް ހެކިދިނުން ފޮރުވިގެން ދިއުން
- މަހުގެ ކުރީކޮޅުފާޅުވާ ހުޅެވިހަނދު ފެންނަލެއް ބޮޑުވުން
- މަދީނާއިން އެރަށުގެ ނުބައިމީހުން ނެރެލެވުމާއި އެރަށް ޚަރާބުވުން
- ޤަޙްޠާނީއަކު ނުކުމެވަޑައިގަތުން
- ބިންގަނޑު ގެންބެވުން ، ސިފަބަދަލު ކުރެއްވުން
- އުޑުން ހިލަވެއްސެވުން
- ޞާލިހުން ދުނިޔެއާއިވަކިވެގެން ދިއުން
- މުއުމިނާގެ ހުވަފެން ތެދުވުން
- ބިދުޢާގެ އަހުލުވެރީންގެ ގާތުން ޢިލްމު ހޯދުން
- ފުލުހުންނާއި އަނިޔާވެރި އަޢްވާނުން ގިނަވުން
- ޢަޖަމީންނާއި ހަނގުރާމަކުރުން
- ތުރުކީންނާއި ހަނގުރާމަކުރުން
- މިސްކިތްތަށް ބިނާކޮށް ޒީނަތްތެރިކުރުމުގައި އެކަކުއަނެކަކަށް ފަޚުރުވެރިވުން
- އެރަށުގެ އެއްބައި ކަނޑުގައި އަނެއްބައި އެއްގަމުގައި އޮންނަ ރަށެއް މުސްލިމުން ފަތަޙަކުރުން
- މީސްތަކުން ބައިބަޔަށް އިސްލާމްދީނުން ނުކުމެ ބޭރުވެގަތުން

ޤިޔާމާތުގެ ޢަލާމާތްތައް މިހާރުވެސްފާޅުވަމުން ދާކަމީ ޤިޔާމަތްވުމުގެ ވަގުތު ކުޑަތަންވަމުންދާކަމުގެ ހެއްކެވެ. ކިތަންމެ މަސައްކަތެއްކުރިއަސް ޤިޔާމާތުގެ ޢަލާމާތްތަކެއް ނުހުއްޓުވޭނެއެވެ. ޤިޔާމަތް ގާތްވެއްޖެއެވެ. ދުނިޔޭގައި ހުރިހިނދަކު ހެޔޮޢަމަލުކުރެވޭތޯ ބަލާށެވެ. އަދި ފާފަފުއްސެވުމަށް އެދި މާތްﷲ ގެ ޙަޟްރަތަށް ދަންނަވާށެވެ.ޤިޔާމަތްދުވަހަށް ތައްޔާރުވެގެން އެދުވަހާއި ކުރިމަތިލާށެވެ.

ޝުކުރިއްޔާ!

މަޢުލޫމާތު ނެގީ: "ދައްޖާލަކީ ޙަޤީޤަތެކެވެ. ޚިޔާލެއްނޫނެވެ" ، "ޤިޔާމަތުގެ ޢަލާމާތްތައް ލީފްލެޓް 02 "  އަދި  އިސްލާމް ޑޮޓްކޮމް އާޓިކަލް.
Share/Bookmark

2 comments:

  1. ނާޒިލް2/11/10 17:53

    "ހިނގާ މަގުތަކެއްކަމުގައި މިސްކިތްތަކަށް ހަދައިގެން އުޅުން" މިއީ އަސްހާބު ބޭކަލުންގެ ޒަމާނުގައި ފެނި، މިހާރުވެސް ހިނގަމުންދާ އަލާމާތެކެވެ. އިސްލާމީ މަރުކަޒު ގޯތި ތެރޭގައި، މިކަން ނުކުރުމަށް ބުނާ ބޯޑެއް ޑޫޑް ނުދެކެންތަ؟

    ReplyDelete
  2. ޝުކުރިއްޔާ ނާޒިލް! ތިޔަ ކުށް މިހާރުވަނީ ރަނގަޅު ކޮށްފައެވެ.

    ReplyDelete

މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

previous Next home