web 2.0

11.09.2010

ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތައް

ޤިޔާމަތުގެ ކުދިޢަލާމާތްތައް ތަންކޮޅެއް ކުރީގެ ލިޔުމެއްގައި އިސްވެ ހިނގައްޖެއެވެ. މިލިޔުމުގައި ބަލައިލާނީ ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތަކަށެވެ ޤިޔާމާތުގެ ޢަލާމާތްތަކަކީ ޤިޔާމަތް ގާތްވެއްޖެކަން އަންގައިދޭ ދަލީލުތަކެވެ.ދުނިޔެއާއި ކާއިނާތުގައިވާ އެންމެހާތަކެތި ފަނާވެދާނެއެވެ. ކަށްވަޅުގެ ޢަޒާބާއި ސަވާބު ދެއްވާނެއެވެ.އެންމެހާ މަޚްލޫޤުން އަލުން ދިރުއްވޭނެއެވެ. ޢަމަލުތަކުގެ ހިސާބުބެއްލެވުމަށެވެ. ހެޔޮޢަމަލުކޮށްފައިވާ މީހުންނަށް ސުވަރުގޭގެ ނިޢުމަތް އަދި ނުބައި ޢަމަލުކޮށްފައިވާ މީހުންނަށް ނަތަކައިގެ ޢަޒާބުދެއްވާ ސުވަރުގެއާއި ނަތަކައިގެ އަހުލުވެރިން ދާއިމަށް އެތަނުގައި ދެމިތިބޭނެއެވެ. މަރެއްނުވާނެއެވެ.
ﷲ ރުއްސުންލެއްވި ޚުޒައިފާ ބުނު އަލްޣިފާރީ ވިދާޅުވިއެވެ. ތިމަންބޭކަލުން ވާހަކަދައްކަވަންތިއްބަވަނިކޮށް ރަސޫލާ ވަޑައިގެން ޙަދީޘްކުރެއްވިއެވެ. "ތިޔަބޭކަލުން ތިޔަދައްކަވަނީ ކޮންވާހަކައެއްހެއްޔެވެ؟ " އެބޭކަލުން ދެންނެވިއެވެ. އަޅުގަނޑުމެން މިދައްކަނީ ޤިޔާމަތުގެ ވާހަކައެވެ. ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ދިހަޢަލާމާތެއް ފެނިއްޖެއުމަށް ދާންދެން ޤިޔާމަތް ނުވާހުއްޓެވެ. " ފަހެ ޙަދީޘްކުރެއްވިއެވެ. "އެއީ ދުންގަނޑެއް ފާޅުވުމާއި ، ދައްޖާލުއެރުމާއި، ބިމުދާއްބައެއް ނުކުތުމާއި ހުޅނގުފަރާތުން އިރުއެރުމާއި މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާޢަލައިހިއްސަލާމް ފައިބައި ވަޑައިގަތުމާއި ޔައުޖޫޖުމައުޖޫޖު ބާގައިގެ މީހުން ނުކުތުމާއި ބިންގަނޑު ގަންބަވައިގަތުމެވެ. އެއީ އިރުމަތީފަރާތުން ، ހުޅަނގު ފަރާތުން އަދި ޢަރަބިކަރައިން ގަންބަވައިގަތުމެވެ. މި ޢަލާމާތްތަކުގެ އެންމެ ފަހު ޢަލާމާތަކީ ޔަމަނުކަރައިން އެންމެން އެއްތަނަކަށް ލަވަމުން ގެންދާ އަލިފާންގަނޑެކެވެ. " (އަލްއިމާމު މުސްލިން ރިވާކުރެއްވި ޙަދީޘެއްގެ މާނަ )

މިހެންކަމުން ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތައް 10 އެކެވެ:

1. މަހުދީގެފާނު ( މުޙައްމަދު ނުވަތަ އަޙުމަދު ބުން ޢަބްދު ﷲ ގެފާނު ) ފާޅުވުން
2. މަސީޙުއް ދައްޖާލް ނުކުތުން
3. ޢީސާޢަލައިހިއްސަލާމް ފައިބައިވަޑައިގަތުން
4. ޔައުޖޫޖު މައުޖޫޖުބާގައިގެ މީހުން ފާޅުވުން
5. މަޝްރިޤާއި މަޢްތިބާއި ޢަރަބި ޖަޒީރާގައި އާދަޔާ ޚިލާފު ބިންގަނޑެއް ގެބްބެވުމުގެ (ތިން) ޙާދިޘާ ހިނގުން
6. އުޑުން ދުންގަނޑެއް ފާޅުވުން
7. ޙަބުޝް ކަރައިގެ ޛުއްސުވައިޤަތައިނި ގެފުޅު މުގުރާލުން
8. ހުޅަނގު ފަރާތުން އިރުއެރުން
9. ބިމުގެ ދާއްބަ ފާޅުވުން
10. ޔަމަނުގެ ޢަދުނުއާއި ޙަޟްރު މައުތު ކަނޑުން ، ޝާމްކަރައަށް މީސްތަކުން އެއްކުރުވާ އަލިފާންގަނޑެއް ފާޅުވުން.

ޝުކުރިއްޔާ! މި އިން ކޮންމެ ޢަލާމާތަކާ ބެހޭ ކުޑަކުޑަ މަޢުލޫމާތު ކޮޅެއް ހުށަހަޅާދެވޭތޯ އަދި އިރާދަކުރެއްވިއްޔާ ބަލާނަމެވެ.
މަޢުލޫމާތު ނެގީ: ޤިޔާމަތުގެ ޢަލާމާތްތައް 02 ، ދައްޖާލަކީ ޙަޤީޤަތެކެވެ. ޚިޔާލެއްނޫނެވެ، އިސްލާމީ ތަރުބިއްޔަތު 10.
Share/Bookmark

1 comment:

  1. މީ ވަރަށް ބޭނުންތެރި ލިޔުމެއް

    ReplyDelete

މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

previous Next home