web 2.0

7.12.2012

ރަމަޟާން މަހަށް ތައްޔާރުވުމަށް އެޅިދާނެ 8 ފިޔަވަޅު

ޝަރުއީ އިޞްޠިލާހުގައި ރޯދައަކީ ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސެންދެން، ނުކައި ނުބޮއެ، ޖިންސީ އެދުންތަކާއި އަދިވެސް ރޯދަ ފާސިދުކޮށްލާ ހުރިހައި ކަމަކުން ދުރުވެ، އެކަންކަމުން މަނާވެ ހުރުމެވެ.
މިލިޔުމުގައި ބަލައިލާނީ ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި އެޅިދާނެ 8 ފިޔަވަޅެއްގެ މައްޗަށެވެ.


  ފިޔަވަޅު 1 – ރަމަޟާން ކައުންޓްޑައުން

ރަމަޟާންމަހަށް ކިތައްދުވަސްތޯ ގުނުމަކީ (ސިކުނޑީގައިވިޔަސް ނުވަތަ ޢަމަލީގޮތުން ކުރިކަމުގައިވިޔަސް) ރަމަޟާންމަހަށް ސިކުނޑި ތާޒާކޮށް މި މާތް މައްސަރަށް ތިމާގެ ސިކުނޑީގަޔާއި ތިމާގެ ވަށައިގެން އުޅޭމީހުންގެ މެދުގައި މިމާތް މައްސަރަށް ޖޯޝާއިފޯރި އަށަގަންނުވާނެކަމެކެވެ. ތިމާއާއި އެހެނިހެން މީހުން އެއްކަމަކަށް ކައުންޓްޑައުންކުރުމުން މިކަމަކީ އާދައިގެމަތިން ދައްކާވާހަކައިގައި ހިމެނޭނެކަމެއްކަމުގައިވެ ޝައުގުވެރިކަން އިތުރުވާނެއެވެ.

ފިޔަވަޅު 2 – ރަމަޟާންމަހާއި ބެހޭގޮތުން މައުލޫމާތު ހޯދުން

މިކަމުގެ ސަބަބުން ރަމަޟާންމަހު ރަނގަޅަށް ފުރިހަމައަށް ކަންތައްތައް ކުރަން އެނގިގެންދާނެއެވެ. ރަމަޟާންމަހާއިބެހޭ ޢިލްމު ލިބުމުގެ ސަބަބުން މިމަހަށް ތިމާ ބަހައްޓާ ޝައުގުވެރިކަން އިތުރު ވާނެއެވެ. އެހެނީ މިމައްސަރުގައި އެހެނިހެން މައްސަރުތަކަށްވުރެ ސަވާބު ގިނަކުރެވޭނެ އެތައްގޮތްތަކެއް ލައްވާފައިވާތީއެވެ. ރަމަޟާންމަހާއި ބެހޭގޮތުން އެނގޭ އެނގުން ގިނަވާވަރަކަށް އެނގުނު ތަކެތީގެ ބޭނުން ކުރަން ފަސޭހަވާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ މިމައްސަރުގައި ލިބޭ ސަވާބާއި ދަރުމަ އިތުރުވެގެން ދިއުމެވެ. އިތުބާރުކުރެވޭ އޮންލައިން ސައިޓްތަކާއި ރަމަޟާންމަހާއި ގުޅޭގޮތުން ލިޔެފައިވާފޮތްތައް ކިޔައި މި މައްސަރުގެ ޢިލްމު އުނގެނޭށެވެ.

 ފިޔަވަޅު 3 – ރަމަޟާން ޕްލޭން އެއް ހެދުން (ރަމަޟާންމަސް ރާވައިލުން)

ޤުރުއާން ޚަތިމްކުރުންކަމުގައިވިޔަސް، ތަރާވީސްނަމާދު ޤަވާއިދުން ކުރުން ކަމުގައިވިޔަސް ނުވަތަ ޢާއިލާތަކަށް ރޯދަވީއްލުމަށް ދަޢުވަތު ދިނުންކަމުގައިވިޔަސް، ރަމަޟާންމަހު ޙާސިލުކުރަން ބޭނުންވާ ކަންކަމުގެ ލިސްޓެއް ހަދާ ލިސްޓުގައިވާ ކަންތައް ޙާސިލްކުރާނެގޮތްވެސް ލިޔާށެވެ. ލިސްޓްހެދުމުގައި މުހިއްމީ ލިސްޓްކުރި ކަންތައްތަކަކީ ޙަޤީޤީ ޙަޔާތުގައިވެސް ޙާސިލުކުރެވޭނެކަންތައްތަކެއްކަމުގައިވޭތޯ ޔަޤީންކުރުމެވެ އަދި ތިމާގެ ޙަޔާތް މުޅިން ބަދަލުކޮށް އެހެން މަގަކުން ދާންނުޖެހޭނެފަދަ ގޮތަކަށް ކަންތައްތައް ރާވައިލުމެވެ. ( މިމަހަށް ވަޒީފާދޫކޮށްލުން ނުވަތަ މަސައްކަތު ގަޑިތައް ބަދަލުކުރުން ފަދަ ކަންތައްތައް!) ރަމަޟާންމަހުގެ ކޮންމެ ދުވަހަުވެސް ނިދަން އޮށޯތުމުގެ ކުރިން ދެން އޮތް ދުވަހަށް ކަންތައްތައް ރާވައިލާށެވެ. (ރޯދަމަސް ދިޔުމަށްފަހުގައިވެސް މިގޮތަށް ކަންތައްކުރެވޭތޯ ބަލާށެވެ)

ފިޔަވަޅު 4 – ތިމާގެ ޙަޔާތް ރަނގަޅަށް ދެނެގަންނާށެވެ

ރޯދަމަހުގެ ކުރިން، ރޯދަމަހު ނުވަތަ ރޯދަމަހަށްފަހު ކުރިއަށްގެންދަންހުރި ޙަރަކާތްތައް ރަނގަޅަށް ދެނެގަންނާށެވެ. ރަމަޟާންމަހަށްފަހު ކައިވެންޏެއް އޮތްކަމުގައިވިޔަސް ދިރިއުޅޭގެ ބަދަލުވާކަމުގައިވާނަމަވެސް މިހާރުން މިހާރަށް މި ހަރަކާތްތައް ޕްލޭން ކުރާށެވެ. އިމްތިޙާނެއް އޮތްކަމުގައިވާނަމަ ރޯދަމަސް ފެށުމުގެ ކުރިން އެ އިމްތިޙާނަކަށް ތައްޔާރުވާށެވެ. ރަމަޟާންމަހު އަޅުކަންކުރަން އޮންނަ ވަގުތުގައި އެހެނިހެން ކަންކަން ވީހާވެސް ބޮޑަކަށް ނުކޮށް ވޭތޯ ބަލާށެވެ. އެންމެ ފަހުން ކުރަންވީކަމަކީ ރަމަޟާންމަހު ބާޒާރުކުރުން މަދުކުރުމެވެ. ބާޒާރުކުރަންދާ ވަގުތަކީ އަޅުކަންކުރުމަށް ބޭނުންހިފޭނެ ވަގުތެވެ. ޢީދުހަދިޔާފަދަ ތަކެތި ރަމަޟާންމަހުގެ ކުރިޔާލާ ގަނެފައި ބަހައްޓާށެވެ.

ފިޔަވަޅު 5 – އުޚުރަވީ ގޮތުން ތައްޔާރުވުން

އަހަރެމެން އެންމެނަށްވެސް އެނގޭނޭފަދައިން ރަމަޟާންމަހަކީ ރޯދަހިފުމާއި ނަމާދުކުރުމާއި ޤުރުޢާންކިޔެވުމާއި ޞަދަޤާތް ދިނުމުގެ މައްސަރެވެ. (އަޅުކަން ކުރުމުގެ މައްސަރެވެ.) މި އަޅުކަންތައް ރަމަޟާންމަސް އައުމުގެ ކުރިން ފަށައިގަންނާށެވެ. ރަމަޟާންމަސް އައިސްޖެހުނީމާ ފަށަން ނުހުންނާށެވެ. މިހާރުން މިހާރަށް ސުންނަތް ނަމާދުތައް ކުރަން ފަށާށެވެ. ޤުރުއާން ކިޔަވަން ފަށައި ޤުރުއާނަށް ހޭނޭށެވެ. ޞާލިޙް ޢަމަލްތައް ކުރުމަށް ހޭނޭށެވެ އަދި ރަސޫލާ ގެ ސުންނަތައް ޢަމަލުކުރުމަށް ފަށާށެވެ. މިގޮތުން ޝަޢުބާންމަހު ރޯދަހިފާށެވެ.

ފިޔަވަޅު 6 – ސިކުނޑި ތައްޔާރުކުރުން

ރޯދަޔަށް ހުރުމަކީ ހަމައެކަނި އަނގައިން ކާއެއްޗެހި ކާމިންވަރު މަދުކުރުމަށްވުރެ ފުޅާއެއްޗެކެވެ. ކެތްތެރިކަން އިތުރުކުރުމަށް މަސައްކަތް ފަށާށެވެ. ވާހަކަ ދައްކާއިރު ހަޑިހުތުރު ބަހުރުވަ ބޭނުންކުރުމާއި ނެތިނުބައިމޮށުން ދޫކޮށްލާށެވެ. އަދި ބޭކާރު ވާހަކަ ދެއްކުން މަދުކުރާށެވެ.

ފިޔަވަޅު 7 – ނުބައި އާދަތަކަށް "ވައްސަލާމް" އޭ ބުނޭ

ތިމާގެ ކިބައިގައި ހަރުލާފައިވާ ނުރަނގަޅު އާދަތައް ދެނެގަނެ އެކަންކަން ހުއްޓުވުމަށް މަސައްކަތް ފަށާށެވެ. ރޯދަމަސް އަންނަންދެން މަޑުނުކުރާށެވެ. ލަހުން ނިދާނަމަ އަވަހަށް ނިދަން ފައްޓާށެވެ. އަބަދު ފޭސްބުކްއަށް ވަދެ ނުވަތަ ކޮފީގައި ވަގުތުނަގާލާނަމަ އެކަން މަދުކުރާށެވެ. މިއީވަރަށް ފަސޭހަކަމެއްހެން ހީވެދާނެއެވެ. ނަމަވެސް އާދައެއް ކަނޑުވާލުމަކީ ވަރަށް އުނދަގޫކަމެކެވެ. އެހެންނަމަވެސް ހިތްނިޔަޔް ޚާލިސްކޮށް މާތްﷲ އަށްޓަކައި އާދައެއް ހުއްޓާލުމަށް މަސައްކަތްކޮށް މާތްﷲ ގެ ޙަޟްރަތަށް ދުޢާކުރުމުން މިކަމަކީ ހީކުރިވަރަށްވުރެވެސް ފަސޭހަކަންތައްތަކެއްކަމުގައި ވެދާނެއެވެ.

ފިޔަވަޅު 8 – މުޅިހަޔާތް އަޅުކަމުގެ ވަށައިގެން ރޭވުން

މިސާލަކަށް ނަމާދުވަގުތު މަސައްކަތްކުރުމުގެ ބަދަލުގައި ނުވަތަ މީޓިންގްތައް ބޭއްވުމުގެ ބަދަލުގައި ނަމާދުވަގުތުގައި ބްރޭކެއްނަގާގޮތަށް ހަމަޖައްސާށެވެ. ނަމާދުކުރާތަނަށް ފޯނުނުގެންދާށެވެ އަދި ދުނިޔަވީ ހުރިހާ ކަމެއްގެ މަތިން ނަމާދުކުރާވަގުތު ހަނދާން ނައްތާލާށެވެ.
________________________________________________________________________

މި ލިޔުމުގައި ހުށަހަޅާލައިފައިވާ 8 ފިޔަވަޅުގެ އަލީގައި ރަމަޟާންމަހުގެ ބޭނުން އެންމެ ފުރިހަމައަށް ކުރެއްވޭނެކަމަށް އުންމީދުކުރަމެވެ. އަދި ތިޔަބޭފުޅުން ރަމަޟާންމަހަށް ތައްޔާރުވުމަށް ކޮށްފައިވާ ކަންތައްތައް ތިރީގައިވާ ކޮމެންޓްފޯމް ބޭނުންކޮށްގެން އަޅުގަނޑުމެންނާ ޙިއްސާކޮށްލައްވާށެވެ.

މި ސައިޓުގެ ހުރިހާ ކިޔުންތެރިންނަށް 1433 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާ ކިޔަމެވެ! ރަމަޟާން މުބާރަކް!

ތަރުޖަމާ: މުޙައްމަދު ސާޢިފް
އޮރިޖިނަލް އާޓިކަލް




Share/Bookmark

0 ޚިޔާލު:

މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

previous Next home